ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާދެއްވި އިބްރާހިމް ޝިއުރީ. ފޮޓޯ: މިހާރު
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާދެއްވި އިބްރާހިމް ޝިއުރީ. ފޮޓޯ: މިހާރު

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރު ކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާ ކުންފުނި، ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޝިއުރީ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޝިއުރީ މި މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، އެކަމުގެ ސީދާ ސަބަބެއް އަދި މިހާތަނަށް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން، ޝިއުރީ މިއަދު ވަނީ އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އޭނާގެ ދައުރުގައި މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ސަރުކާރުން އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމަށް ޝިއުރީ އައްޔަން ކުރެއްވީ 13 ޖޫން 2024 ގައެވެ. އޭނާއަކީ މި ސަރުކާރުގެ ދައުރުގައި އެ މަގާމަށް އައްޔަން ކުރެއްވި ދެވަނަ ބޭފުޅާއެވެ. މި ސަރުކާރުން އެންމެ ފުރަތަމަ އެ މަގާމަށް އައްޔަން ކުރެއްވީ ފާތިމަތު ތައުފީގެވެ. ނަމަވެސް، އޭނާ ވަނީ ފަހުން އެ މަގާމުން ވަކިކުރައްވާފައެވެ.

ޝިއުރީއަކީ ފަތުރުވެރިކަމާއި މާކެޓިންގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޕަބްލިކް ރިލޭޝަން އެންޑް ކޮމިއުނިކޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. މީގެ އިތުރުން، އޭނާގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ ގައުމީ އިނާމާއި ޒުވާނުންގެ އިނާމު ވެސް އޭނާއަށް އަރުވާފައެވެ.

ވިޒިޓް މޯލްޑިވްސް އަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ތަނބު ކަމަށްވާ ފަތުރުވެރިކަން ކުރިއެރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުންފުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ