މާލޭގައި ގޭސްފުޅިއެއް ގޮވައި ހިނގި ހާދިސާގައި އަނިޔާވި މީހަކު ވެންޓިލޭޓަރަށް، 41 މީހަކަށް އެހީތެރިކަން ފޯރުކޮށްދެނީ

މއ. ދޫގަސްވިލާ (މުއިވެޔޮމަގުން ވަދެވޭ ގޯޅި)ގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތް ކުނިއުކާ ސާފުކުރުމުގެ މަސައްކަތްކުރިއަށްދަނީ. ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މއ. ދޫގަސްވިލާ (މުއިވެޔޮމަގުން ވަދެވޭ ގޯޅި)ގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތް ކުނިއުކާ ސާފުކުރުމުގެ މަސައްކަތްކުރިއަށްދަނީ. ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭގެ ގެއެއްގައި މިއަދު ފަތިހު ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ބިދޭސީއަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށާއި، މި ހާދިސާއާ ގުޅިގެން ޖުމްލަ 41 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ގ. ދޫގަސްވިލާގޭގައި ހިނގި މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ފަތިހު 5:27 ހާއިރުއެވެ. އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އަލިފާން ރޯވީ ދެ ފަންގިފިލާއަށް ހުރި އެ އިމާރާތުގެ ފަސް ކޮޓަރީގެ އެޕާޓްމެންޓެއްގައެވެ. އެ ތަނުގައި ދިރިއުޅެމުންދިޔަ 15 ބިދޭސީން ރައްކާތެރިކަމާއެކު އިމާރާތުން ނެރެފައިވާއިރު، މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން މީހަކާއި ސްރީލަންކާ މީހެކެވެ. މީގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލާފައިވީ ނަމަވެސް، އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ސާފެއް ނުވެއެވެ. އަނެއް ތިން މީހުންނަށް ވެސް އެކި ވަރުގެ ފިހުމުގެ އަނިޔާ ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މި ހާދިސާގެ ސަބަބުން ދޫގަސްވިލާގެއާ އިންވެގެން ހުރި އިމާރާތުން ފެނުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ 26 މީހަކަށް ވެސް އެންޑީއެމްއޭއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެހެންކަމުން، މި ހާދިސާގެ އަސަރުކުރި ޖުމްލަ މީހުންގެ އަދަދު ވަނީ 41 އަށް އަރާފައެވެ. އެންޑީއެމްއޭއިން ބުނީ މި އެންމެންނަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެންނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހާލުގައި ޖެހުނު ބިދޭސީންނަށް ބޭނުންވާ އެހީތެރިކަން ހަމަޖެއްސުމަށްޓަކައި އެ މީހުންގެ ސްޕޮންސަރުންނަށް ގުޅައި، ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާރު އަންގާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. ކަމާބެހޭ އިދާރާތަކާ ގުޅިގެން މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެންޑީއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ