ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ބިން ހަލާކުވުމާއި ގޮނޑުދޮށް ގިރުމުގެ ސީރިއަސް މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ބައިނަލްއަޤުވާމީ މާލީ ނިޒާމުގެ ތެރެއިން ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އދ. ގެ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ގެ ކޮޕް17 ގެ ހައި-ލެވެލް ސެގްމަންޓުގެ 'ފައިނޭންސް ޑޭ' ގައި ތަޤުރީރު ކުރައްވަމުންނެވެ. މި ބައްދަލުވުމުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ބިމަށް ލިބޭ ގެއްލުންތަކަކީ ހަމައެކަނި ހަނަފަސް ބިންތަކަށް ޚާއްޞަކޮށްފައިވާ އޮނިގަނޑުތަކުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ޙައްލުކުރެވޭނެ ކަންކަމެއް ނޫނެވެ.
ރާއްޖެ ފަދަ ބިން ތިރި ޤައުމުތަކުގައި ގޮނޑުދޮށް ގިރުމާއި، ބިމުގެ ފެން ފަށަލައަށް ލޮނުއެޅުމުގެ ސަބަބުން ބިން ހަލާކުވުމަކީ ނުރައްކާތެރި މިންވަރަކަށް އިތުރުވަމުންދާ ބޮޑު މައްސަލައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ މާލީ އޮނިގަނޑުތަކުގައި ޖަޒީރާ ޤައުމުތަކަށް ދިމާވާ މިފަދަ ނާޒުކު މައްސަލަތަކަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން، ގޮނޑުދޮށްތަކާއި ބިންތައް ހަލާކުވަމުންދާ މައްސަލައިގެ ނާޒުކުކަން ބަލައިގަނެ، ކުދި ޖަޒީރާ ޤައުމުތަކަށް ފަސޭހައިން ލިބޭނެ ފަދަ މާލީ ނިޒާމުތަކެއް ޤާއިމުކުރުމަށް ވަޒީރު ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ޙާލަތްތަކާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ 'ބްލޫ-ގްރީން' ފައިނޭންސްގެ ވަސީލަތްތައް ފުޅާކުރުމަކީ މިކަމަށް އޮތް މުހިންމު ޙައްލެއް ކަމުގައިވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.