މޮންގޯލިއާގެ އުލާންބާތާގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ގެ ކޮޕް17 ސަމިޓުގެ ހަވާސާގައި، ދިވެހިރާއްޖޭގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް، މިޑްލް އީސްޓް ގްރީން އިނިޝިއޭޓިވް (އެމްޖީއައި) ގެ ސެކްރެޓަރީ ޖެނެރަލް އިންޖިނިއަރ އިބްރާހީމް އަލްތުރްކީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ ދެ ބޭފުޅުންގެ މެދުގައި ބޭއްވުނު ތައާރަފުވުމުގެ މުހިންމު ބައްދަލުވުމެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެމްޖީއައި އިން މިހާރު ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާއި، ތިމާވެށްޓާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ދެފަރާތުގެ ދެމެދުގައި މައުލޫމާތާއި ތަޖުރިބާ ބަދަލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
މިޑްލް އީސްޓް ގްރީން އިނިޝިއޭޓިވް އަކީ ސައޫދީ އަރަބިއްޔާގެ އިސްނެގުމުގެ މަތިން އުފައްދާފައިވާ ސަރަހައްދީ މުހިންމު ޕްލެޓްފޯމެކެވެ. މި އިނިޝިއޭޓިވްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ބިން ހަލާކުވުމާއި ގިރައިގެން ދިއުން ހުއްޓުވުމާއި، ގަސް އިންދައިގެން ފެހިކަން އިތުރުކުރުން ހިމެނެއެވެ. އަދި އިލްމާއި ހުނަރު ހިއްސާކުރުމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ބައިވެރިވުންތައް ވަރުގަދަކޮށް މޫސުމީ ބަދަލުތަކަށް ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށްވެސް މި ޕްލެޓްފޯމުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ދެކޭގޮތުގައި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އިތުރު އެއްބާރުލުމާއި ފުރުސަތުތައް ފަހިވެގެންދާނެއެވެ. ވަޒީރު ޢަލީ ޝަރީފް މިހާރު މޮންގޯލިއާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ބައިނަލްއަގުވާމީ މައިދާނުގައި ތިމާވެށީގެ މައްސަލަތަކުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ކުރައްވާ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.