ވޯޓަކީ އަމާނާތެއް، އެއީ ގާބިލުކަމަށް ދެވޭ ހެކިބަހެއް: އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލް
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލް

ކޮންމެ ވޯޓަކީ ވެސް އެ ވޯޓު ދެވޭ މީހާގެ އަދުލުވެރިކަމާއި ގާބިލުކަމުގެ މައްޗަށް ދެވޭ ހެކިބަހެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފާހަގަކުރާ ވޯޓުލާ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޝަކީލް ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވާއިރު، އިސްލާމްދީނުގެ އަދުލުވެރި އުސޫލުތަކަށް ބަލާއިރު ވޯޓަކީ އަމާނާތެއް ކަމަށެވެ. އެހެންކަމުން ވޯޓުލުމުގެ ހައްގު އަދާކުރުމުގައި ކޮންމެ ރައްޔިތަކު ވެސް މާތް ﷲ އަށް ބިރުވެތިވެ، ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކުރުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގަތެވެ.

ޝަކީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ އެކި ފަންތީގެ އިންތިޚާބުތަކުގައި ރައްޔިތުންގެ މަންދޫބުން ހޮވުމަށް ދޭ ވޯޓަކީ ގައުމީ ތަރައްގީއަށާއި، ގާނޫނީ ހަމަހަމަކަމުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުމަށް ސީދާ އަސަރުކުރާނެ މުހިންމު ނިންމުމެކެވެ. އެހެންކަމުން ވޯޓުލުމަކީ ހަމައެކަނި ހައްގެއް ނޫން ކަމަށާއި، އެއީ ގައުމީ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރަނީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް" މި ޝިއާރުގެ ދަށުންނެވެ. ރާއްޖޭގައި މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ޑިމޮކްރަސީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، އިންތިޚާބީ ނިޒާމަށް އޮންނަ އިތުބާރު ބޮޑުކުރުމެވެ.

މީގެ އިތުރުން، އިންތިޚާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ވޯޓުލުމުގެ މުހިންމުކަން އަންގައިދިނުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު ބޭނުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ