ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ޢަލީ ޝަފީޤު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އެ މަރުޙޫމްގެ ޢާއިލާއަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރި ތައުޒިޔާ ވަނީ ރައްދުކުރައްވާފައެވެ.
ޢަލީ ޝަފީޤަކީ ޝަރުޢީ ދާއިރާގެ އިތުރުން ދީނީ ގޮތުންވެސް މުޖުތަމަޢަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ދ. މީދޫގެ އިތުރުން ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ މަސައްކަތް ދިގު މުއްދަތަކަށް ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އޭނާއަކީ މުޖުތަމަޢުގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ، ދީނަށް ލޯބިކުރެއްވި ހެޔޮލަފާ ބޭފުޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
މަރުޙޫމް ޢަލީ ޝަފީޤުގެ ބޭފުޅުންގެ ތެރޭގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރުގެ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ޞަފާ ޝަފީޤު ހިމެނިވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރުޙޫމްގެ ފުރާނައަށް މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުން މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދި ދުޢާކުރައްވަމުންނެވެ.