ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު 17 ކޭސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 243 އަށް އަރާފައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16,045 މީހަކަށް ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ބައްޔަކީ ވައިގެ ޒަރިއްޔާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވުމުން، ބަލި ކޮންޓްރޯލް ކުރުމުގައި ވެކްސިން ޖެހުމަކީ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
އެޗްޕީއޭއިން އިލްތިމާސް ކުރަނީ ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ދާއިރު މާސްކު އެޅުމަށާއި، ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށްވެސް އެ އެޖެންސީން ވަނީ އަންގާފައެވެ. މީގެ އިތުރުން ބަލީގެ އަލާމާތްތައް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
ހިމަބިއްސަކީ "މީސްލްސް ވައިރަސް" ގެ ސަބަބުން ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖެހިފައިވާ މީހަކާ އެކުގައި އުޅޭ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އުމުރުން ނުވަ މަހުގައި އެމްއާރު ވެކްސިން އަދި ފަހުން އެމްއެމްއާރު ވެކްސިން ދެމުން ގެންދެއެވެ.