މިއަހަރުގެ ގައުމީ މާމަ ކާފަ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިސްނަގައިގެން ބ. އޭދަފުށީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 1 އަދި 2 ވަނަ ދުވަހުއެވެ.
ޕެންޝަން އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ހަރަކާތްތައް ފެށުމުގެ ގޮތުން ސެޕްޓެމްބަރު އެއްވަނަ ދުވަހު މާމައިންނާއި ކާފައިންނަށް ހާއްސަކޮށްގެން ހަވީރުގެ ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މާމަ، ކާފައިން އެކަކު އަނެކަކާ ބައްދަލުވެ، ގުޅުން ބަދަހިކޮށް، އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އިންތިޒާމުކުރާ ހަރަކާތެކެވެ. މީގެއިތުރުން، އެ އޮފީހާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގުޅިގެން މާމަކާފައިންނާއި އާއިލާތަކަށް މުހިންމު މައުލޫމާތުތައް ހިމެނޭ ހާއްސަ ސެޝަނެއްވެސް ކުރިއަށްދާނެއެވެ.
ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ޕެންޝަން އޮފީހާއި އޭދަފުށީގެ އެހެނިހެން މުއައްސަސާތައް ގުޅިގެން ހާއްސަ އާއިލީ ހަވީރަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި އާއިލީ ހަވީރުގައި ތަފާތު އުމުރުފުރާތަކަށް ޚާއްސަ ކުޅިވަރުތަކާއި މަޖާ ހަރަކާތްތައް ހިމެނޭނެ ކަމަށް އެ އޮފީހުން ބުނެއެވެ. މިއީ މާމަ ކާފައިންނާއި، ކުޑަކުދިން އަދި މުޅި އާއިލާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭނެ ފުރުސަތެކެވެ.
ޕެންޝަން އޮފީހުން ބުނީ، މި ހަރަކާތްތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އާއިލާތަކާއި، މުޖުތަމައު އަދި ގައުމު ބިނާކޮށް ވަރުގަދަކުރުމުގައި މާމައިންނާއި ކާފައިން އަދާކޮށްފައިވާ މުހިންމު ދައުރުގެ އަގުވަޒަންކުރުމެވެ. އަދި އާއިލާތައް އެއްތަނަކަށް އެއްވެ، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދަނީ ޕެންޝަން އޮފީހުގެ އިތުރުން ބ. އޭދަފުށީ ކައުންސިލާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގުޅިގެންނެވެ.