ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 15 ތުއްތު ކުދިން ނިޔާވެއްޖެ

މިހާދިސާގައި މަރުވި ތުއްތު ކުއްޖެއްގެ މަންމަ. ފޮޓޯ: ރޮއިޓަރސް
މިހާދިސާގައި މަރުވި ތުއްތު ކުއްޖެއްގެ މަންމަ. ފޮޓޯ: ރޮއިޓަރސް

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (ޕިމްސް) ގެ މަދަރ އެންޑް ޗައިލްޑް ހެލްތު ވޯޑުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 15 ތުއްތު ކުދިން ނިޔާވެއްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ ވޯޑުގެ އެއާކޮންޑިޝަނިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

މިއަދު ހެނދުނު 7:00 އެހާކަންހާއިރު އެ ހޮސްޕިޓަލުގެ ތިންވަނަ ބުރީގައި ހުންނަ ވޯޑުގައި އަލިފާން ރޯވިިއިރު، އެ ވަގުތު އެތަނުގައި އަލަށް އުފަންވެފައިވާ 16 ކުދިން ތިއްބެވެ. އޭގެ ތެރެއިން ސަލާމަތް ކުރެވުނީ އެންމެ ކުއްޖެކެވެ. މިއީ ފަހުގެ ތާރީޚެއްގައި ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އެންމެ ހިތާމަވެރި އަދި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި، މިކަމުގައި އިހުމާލުވި ފަރާތްތައް ހޯދައި އެފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލައްވާފައެވެ.

އަލިފާން ރޯވި ވޯޑު މިހާރު ބަންދުކޮށްފައިވާއިރު، އިސްލާމްއާބާދުގެ މަރުކަޒީ ހިސާބެއްގައި ހުންނަ ޕިމްސް ހޮސްޕިޓަލަކީ އެ ސިޓީގެ އާންމުންނަށް ޚިދުމަތްދޭ އެންމެ ބޮޑު އެއް ސަރުކާރު ހޮސްޕިޓަލެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ