އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

މެމްބަރުން ކުރެއްވި ސުވާލުތަކަށް އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލިސް
މެމްބަރުން ކުރެއްވި ސުވާލުތަކަށް އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލިސް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި މަގާމަށް އޭނާ އައްޔަންކުރުމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ފެށީ، މިހާރު އެ މަގާމުގައި ހުންނެވި އަހުމަދު އާހިދު ރަޝީދުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހަށް ހަމަވާތީއެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ އަބްދުލްއަޒީޒްގެ ނަންފުޅެވެ.

އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަކީ ރާއްޖޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންމެ ފުރަތަމަ ކޮމިޝަނަރެވެ. މީގެ އިތުރުން، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އެކުލަވައިލުމުގެ މަސައްކަތުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި ދުވަސްވަރު، އެ އޮފީހުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމާއި، ގާނޫނުގެ ދަށުން ހަދަންޖެހޭ ގިނަ ގަވާއިދުތަކެއް ތައްޔާރުކުރުމުގައި އޭނާ މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ. އަބްދުލްއަޒީޒް މިވަގުތު ހުންނެވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ