ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

Simple-OG (3)

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް މި ހާދިސާގައި އަސަރުކުރި ޢާއިލާތަކަށް އިޚްލާޞްތެރި ތަޢުޒިޔާ ރައީސް ވަނީ ރައްދުކުރައްވާފައެވެ. ރައީސްގެ މެސެޖުގައި ވަނީ މިފަދަ ކޮންމެ ހިތާމަވެރި ވަގުތެއްގައިވެސް ދިވެހިން ތިބޭނީ ޕާކިސްތާނުގެ އުޚުއްވަތްތެރި ރައްޔިތުންނާއެކުކަން ހާމަކުރައްވާފައެވެ.

މީގެއިތުރުން، މި ހިތްދަތި ވަގުތުގައި ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށާއި، ދިވެހިންގެ ހެޔޮދުޢާ އެ ޢާއިލާތަކާއެކު ވާކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. މި ހާދިސާއަކީ މުޅި ޕާކިސްތާނަށްވެސް ލިބުނު ބޮޑު ސިހުމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މި ހާސިދާއާ ގުޅިގެން މިހާރު ކުރިއަށްދާ ތަޙުޤީޤުގެ އަލީގައި، ކުރިމަގުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. ޕާކިސްތާނުގެ ޕިމްސް ހޮސްޕިޓަލަކީ އެ ޤައުމުގެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުންދާ މުހިންމު މަރުކަޒަކަށް ވާއިރު، މިފަދަ ހާދިސާއެއް ހިނގުމަކީ ސިއްހީ ދާއިރާއަށްވެސް ލިބުނު ބޮޑު ގެއްލުމެއްކަން ރައީސްގެ މެސެޖުން ދޭހަވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ