ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލައި ޗުއްޓީއަށް ހިނގައްޖެ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އެއްކޮށް ނިންމާލުމަށްފަހު، މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ހިނގައްޖެއެވެ. މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ޖެހެއެވެ.

ނަމަވެސް، މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކުގައި ނުނިމި ހުރި މުހިންމު މަސައްކަތްތަކެއް ހުރުމާ ގުޅިގެން، ދައުރުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. އެގޮތުން އެންމެ ފަހުން ދައުރު ދަންމާލާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ފުރަތަމަ ދައުރު ނިމުނުއިރު ވެސް ގިނަ މަސައްކަތްތަކެއް ހުރުމުން، މެދުކެނޑުމެއް ނެތި ދެވަނަ ދައުރުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ މައިގަނޑު ތިން ދައުރަކަށް ބަހާލައިގެންނެވެ. އެއީ ފެބްރުވަރީ 1 އިން މެއި 15 އަށް ހިނގާ ފުރަތަމަ ދައުރާއި، ޖޫން 1 އިން އޮގަސްޓު 15 އަށް ހިނގާ ދެވަނަ ދައުރުގެ އިތުރުން، އޮކްޓޯބަރު 1 އިން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ ތިންވަނަ ދައުރެވެ.

ދައުރު ނިމޭއިރު މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރެއްޖެ ހާލަތެއްގައި، މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެން އެ ދައުރެއްގެ މުއްދަތު އިތުރުކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ. ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު، ދެން އެންމެ އަވަހަށް މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ