ތިނަދޫގެ އާބާދީ އޮޅުވާލައިގެން ސިޓީއަކަށް ބަދަލުކުރި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ. ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ. ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް، އެ ރަށުގެ އާބާދީގެ ސައްހަ ނޫން މައުލޫމާތު ހުށަހަޅައިގެން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައަކީ ތިނަދޫ ކައުންސިލުން އެ ރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އާބާދީއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުނެ ފުލުހުން ހިންގި ތަހުގީގެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ނަމަވެސް، މި މައްސަލައިގައި ދައުވާ ކުރަން އެދިފައިވަނީ ސީދާ ކޮން ބައެއްގެ މައްޗަށް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި ތަހުގީގާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މި މަހުގެ 10 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އެހެންނަމަވެސް، މޭޔަރު ވަނީ އާބާދީ އޮޅުވާލި ކަމަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ.

ތިނަދޫގެ އާބާދީ އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2024 ވަނަ އަހަރުއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅުއްވާފައެވެ. މެންބަރު ތުހުމަތު ކުރައްވާ ގޮތުގައި، ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ދެއްކީ އޭރުގެ ކައުންސިލަރުންނަށް މޭޔަރުންގެ ދަރަޖަ ހޯދައިދިނުމަށާއި، ސިޔާސީ ވައުދެއް ފުއްދުމުގެ ބޭނުމުގައެވެ.

ތިނަދޫ ސިޓީއަކަށް ބަދަލުކުރީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. އޭގެ ފަހުން މިހާރުގެ ސަރުކާރުން ވެސް ވަނީ ތިނަދޫގެ ސިޓީ ދަރަޖަ ދަމަހައްޓަން ނިންމާފައެވެ. ނަމަވެސް، އެ ދަރަޖަ ހޯދުމުގައި ގާނޫނީ ގޮތުން އަމަލުކޮށްފައިވާ ގޮތާ މެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ