ރާއްޖެއަށް އެތެރެކުރާ ޒަރޫރީ މުދަލަށް ބޭނުންވާ ބޭރު ފައިސާ ދޫކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމުގެ ގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ރާއްޖޭގައި ހަރަކާތްތެރިވާ ހަތް ބޭންކެއްގެ ދެމެދުގައި މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާތަކުގެ އިސްވެރިން ކަމަށްވާ މެނޭޖިންގ ޑައިރެކްޓަރުންނާއި ސީއީއޯއިންނެވެ.
މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މި ނިޒާމުގެ މައިގަނޑު މަގުސަދަކީ އިމްޕޯޓް މުދަލަށް ފައިސާ ދެއްކުމަށްޓަކައި ބޭންކުތައް މެދުވެރިކޮށް ހަދާ ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ތަކުގެ މައުލޫމާތާއި، އެ ފައިސާއަށް ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތަފްސީލުތައް ދިމާވޭތޯ ބެލުމެވެ. މީގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތަކުގެ ތެދުވެރިކަން ކަށަވަރުވެ، ބޭރު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން ކަސްޓަމްސް އާއި ބޭންކުތަކާ ދެމެދު މައުލޫމާތު ފަސޭހަކަމާއެކު ބަދަލުކުރެވޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެހިގެންދާނެއެވެ. މި މުޅި މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.
ޒަރޫރީ މުދަލަށް ޑޮލަރު ލިބޭނެ ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް އެމްއެމްއޭއިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ތިން ހަފްތާގެ މުއްދަތަށް ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.