"ވިލުންތެރި ކަނބަލުން" ޕްރޮގްރާމް 170 އަށްވުރެ ގިނަ ފަރާތުން ފުރިހަމަކޮށްފި

ވިލުންތެރި ކަނބަލުން ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް
ވިލުންތެރި ކަނބަލުން ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް

އަންހެނުން ފަންނީ ދާއިރާތަކަށް އަހުލުވެރިކުރުވުމަށާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމުގެ މަގްސަދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ހިންގި 'ވިލުންތެރި ކަނބަލުން' ތަމްރީނު ޕްރޮގްރާމް 170 އަށްވުރެ ގިނަ އަންހެނުން ފުރިހަމަކޮށްފިއެވެ.

މި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ވަނީ، ހުޅުމާލޭގެ ތަރައްގީގައި އަންހެނުން އިސް ދައުރެއް އަދާކުރުމަށާއި އިސްނެގުމަށް ބާރުއަޅުއްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަހަރުގެ ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ގޭގޭގައި ބޭނުންކުރާ ކަރަންޓު ސާމާނު މަރާމާތުކުރުމާއި، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރާނެ ގޮތްތަކެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 264 ބައިވެރިން ބައިވެރިވިއިރު، ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ އަށް ބެޗަކަށް ބަހާލައިގެންނެވެ.

2023 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި ޕްރޮގްރާމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާތީ، އެޗްޑީސީން ވަނީ މި ޕްރޮގްރާމް އިތުރަށް ފުޅާކޮށްފައެވެ. މީގެ އިތުރުން، އެޗްޑީސީ އާއި އެމްއައިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ޒުވާނުންނަށް ހާއްސަ ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ފެށުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ