ބޭރު ފައިސާގެ ގާނޫނުގެ ދަށުން ރިސޯޓުތަކުން ޑޮލަރުން މުސާރަދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

MMA

ބޭރު ފައިސާގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާ ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެމެރިކާ ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. ގާނޫނަށް ގެނައި ބަދަލުތަކާއެކު މުސާރަ ދިވެހި ރުފިޔާއަށް ބަދަލުވެދާނެ ކަމަށް ބުނެ މުވައްޒަފުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދުނު ނަމަވެސް، ގާނޫނުގައި އެފަދަ އެއްވެސް ހުރަހެއް ނެތް ކަމަށް އެ އިދާރާއިން ބުނެއެވެ.

އަލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބަދަލަކީ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރުން ލާޒިމްކުރުމެވެ. ނަމަވެސް، މި ބަދަލާއެކު ވެސް ރިސޯޓުތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ މިންވަރަށް ފައިސާ މާރުކުރުމުން އެ ފަރާތެއްގެ ބޭރު ފައިސާގެ އިލްތިޒާމުތައް އަދާކުރުމަށް ދަތިވާނަމަ، އެކަން އެމްއެމްއޭއަށް ހުށަހެޅުމުން އެކަމަށް ބަލައި ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެތެރޭގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް 40 އިންސައްތަ މިހާރު ކުރަނީ ބޭރު ފައިސާއިންނެވެ. އެހެންކަމުން، އެތެރޭގެ މުއާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ މަރުކަޒީ ބޭންކުގެ ދާއިމީ ސިޔާސަތެކެވެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ އިގްތިސާދީ ގޮތުން ގެންނަންޖެހޭ މެކްރޯ އިސްލާހުތައް ގެނެސް، ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު 2030 ވަނަ އަހަރަށެވެ.

މީގެ އިތުރުން، ބޭރު ފައިސާގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށްޓަކައި ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި އިޝްތިހާރުކުރުން މަނާކުރުމާއި، ގަވާއިދާ ހިލާފުވާ ފަރާތްތައް ބޮޑު އަދަދުން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި ބޭންކުތަކަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް ހާމަކުރުމާއި، ގަވާއިދާ ހިލާފުވި މަނީ އެކްސްޗޭންޖަރުން ބަންދުކުރުމުގެ މަސައްކަތް ވެސް އެމްއެމްއޭއިން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ