ޕާސްޕޯޓު ސްޓޮކް ލިބުން ލަސްވާތީ، ފީއަކާ ނުލައި މުއްދަތު އިތުރުކޮށްދޭން ފަށައިފި

ދިވެހި ޕާސްޕޯޓެއް
ދިވެހި ޕާސްޕޯޓެއް

ރާއްޖެއަށް ބޭނުންވާ އާ ޕާސްޕޯޓު ސްޓޮކް ލިބުން ލަސްވުމާ ގުޅިގެން، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އެއްވެސް ފީއަކާ ނުލައި އިތުރުކޮށްދޭން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. އިމިގްރޭޝަނުން މިގޮތަށް ނިންމާފައިވަނީ އާ ޕާސްޕޯޓު ސްޓޮކް ލިބުމަށް މަހެއްހާ ދުވަސް ނަގާނެތީއެވެ.

އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ދިވެހި ޕާސްޕޯޓު ބުކްލެޓުތައް ފޮނުވުމަށް އެއްބަސްވެފައިވާ ތާރީޚަށް އެ ތަކެތި ފޯރުކޮށްދެވެން ނެތް ކަމަށް ޖަރުމަނުގެ ކުންފުނިން އަންގާފައިވާ ކަމަށެވެ. އެއީ އެ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއެވެ. ލަފާކުރެވޭ ގޮތުގައި ޕާސްޕޯޓުގެ އާ ސްޓޮކް ރާއްޖެއަށް ލިބޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.

މި ދަތިތަކާ ގުޅިގެން އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން، އާ ޕާސްޕޯޓެއް ހެއްދުމަށް އެދޭ ފަރާތްތަކުގެ ތެރެއިން މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ މުއްދަތު ހަމަވާ މީހުންނަށް، އެއްވެސް ފީއަކާ ނުލައި އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދޭނެއެވެ. މީގެ އިތުރުން، އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން އިންޑިއާ އާއި ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެއް އަހަރުގެ މުއްދަތަށް ބޭނުންކުރެވޭ އިމަޖެންސީ ޕާސްޕޯޓެއް ދޫކުރުމަށް ވަނީ ނިންމާފައެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި ބަދަލުތަކާއެކުވެސް ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެއެވެ. މީގެ ކުރިން، މިދިޔަ މޭ މަހުގެ ތެރޭގައިވެސް ޕާސްޕޯޓު ބުކްލެޓު ލިބުން ލަސްވުމުގެ ސަބަބުން އީ-ޕާސްޕޯޓު ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ. އެ ފަހަރުވެސް އިމިގްރޭޝަނުން ބުނެފައިވަނީ އެކަން މެދުކަނޑާލަން ޖެހުނީ ބުކްލެޓް ގެނައުމުގައި ދިމާވި ދަތިތަކަކާ ހުރެ ކަމަށެވެ.

މި ބަދަލުތަކުގެ ސަބަބުން، ޕާސްޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން އުންމީދު ކުރެއެވެ. އަދި ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމުގެ ޔަގީންކަންވެސް އެ އިދާރާއިން ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ