ތިލަފުށި ޕޯޓުގެ އިމާރާތްތަކާއި ވަސީލަތްތައް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ތިލަފުށި ބަނދަރަށް ބޯޓެއް ކައިރި ކުރަނީ. ފޮޓޯ: އެމްޕީއެލް
ތިލަފުށި ބަނދަރަށް ބޯޓެއް ކައިރި ކުރަނީ. ފޮޓޯ: އެމްޕީއެލް

ތިލަފުށީގައި އަލަށް ތަރައްގީކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ އިމާރާތްތަކާއި އެތަނަށް ބޭނުންވާ އެކި ވަސީލަތްތައް ގާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާނުކޮށްފިއެވެ. މިއީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ މުހިންމު ބައެކެވެ.

އެމްޕީއެލް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މަޝްރޫއުގެ ދަށުން ތިލަފުށީ ބަނދަރަށް ބޭނުންވާ އޮޕަރޭޝަނަލް، އެޑްމިނިސްޓްރޭޓިވް، ކާގޯ ހޭންޑްލިން، ވެއާހައުސިން، ޔޫޓިލިޓީ، ސޭފްޓީ، ވެލްފެއާ އަދި ލޮޖިސްޓިކްސް ވަސީލަތްތައް ތަރައްގީކުރަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޒަމާނީ ކޮންޓެއިނާ ޓާމިނަލަކާއި، މަލްޓި-ޕާޕަސް ޓާމިނަލްތަކުގެ އިތުރުން، އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއާހައުސްތައް ވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރަން ޖެހެއެވެ.

މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެމްޕީއެލް އިން ބުނި ގޮތުގައި، މިކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަޝްރޫއެވެ. މި ބަނދަރު ތަރައްގީކުރުމުގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ. އެ ކުންފުނިން 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ތަރައްގީކުރާނެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މަހު އެމްޓީސީސީއާ ވެސް ވަނީ ހަވާލުކޮށްފައެވެ. އެމްޓީސީސީން ކުރިއަށްގެންދާނީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުމާއި ތިން ހެކްޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު 11 ގެ ނިޔަލަށް މާލޭގެ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކޮށް، އޮޕަރޭޝަނަށް ގެނައުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ