މިފްކޯއިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގަށް ހެޔޮ ބަދަލެއް ގެނެސްފިއެވެ. އެ ކުންފުނިން މިއަދު ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން މަސް ކިލޯއެއް ގަންނާނީ 21 ރުފިޔާގެ ރޭޓުންނެވެ.
މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނަމުން އައީ ކިލޯއެއް 20 ރުފިޔާއަށެވެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު މަސް ކިލޯއަކުން ވަނީ އެއް ރުފިޔާ ބޮޑުވެފައެވެ. މިފްކޯއިން ބުނި ގޮތުގައި މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މަސްވެރިކަން އާންމުގޮތެއްގައި ދަށް ދުވަސްވަރަކަށް ވުމުން، މަހުގެ ޑިމާންޑު ވަނީ އިތުރުވެފައެވެ.
މަސް ގަންނަ އަގަށް ބަދަލު ގެނައުމުގައި ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި، ކުންފުނީގެ އޮޕަރޭޝަނަލް ހާލަތަށް ރިއާޔަތްކުރާ ކަމަށް މިފްކޯއިން ބުނެއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އެންމެ މަތީ މިންވަރެއްގައި ހިފެހެއްޓުން ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
މި އާ އަގުގައި މަސް ގަންނަމުންދާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޖެޓީތަކުންނެވެ. މީގެ އިތުރުން މިފްކޯގެ މަސް ގަންނަ ބޯޓުފަހަރުތައް ކަމަށްވާ ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކޭއޭއެލް 401 ބޯޓުންވެސް މިއަދުން ފެށިގެން މަސް ގަންނާނީ ކިލޯއެއް 21 ރުފިޔާއަށެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ކޯލްޑް ސްޓޯރޭޖްތަކުގެ ގާބިލުކަން އިތުރުކުރުމާއި، އަގު އެއްކޮށްގެން މަހުގެ އުފެއްދުންތައް ބާޒާރަށް ނެރުން ހިމެނެއެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ދިވެހި މަހަށް ލިބޭ އަގު ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.