ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓުގެ ފަންނީ މަސައްކަތްތައް ދައްކާލައިފި

ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމް.އޭ.ސީ.އެލް އިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލުން. ފޮޓޯ: އެމްއޭސީއެލް
ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމް.އޭ.ސީ.އެލް އިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލުން. ފޮޓޯ: އެމްއޭސީއެލް

ޤައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ. މި ހަރަކާތް ކުރިއަށްދިޔައީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.

މި ހަވީރުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ ތަރައްޤީގައި އިންޖިނިއަރިންގ ދާއިރާގެ މުހިންމުކަން ކުޑަކުދިންނަށް އޮޅުންފިލުވައިދީ، އެ ދާއިރާއަށް އެކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ. އެމް.އޭ.ސީ.އެލް އިން ވަނީ އެއާޕޯޓް ހިންގުމުގައި ބޭނުންކުރާ މައިގަނޑު ހަތް ދާއިރާއެއްގެ ފަންނީ މަޢުލޫމާތާއި މަސައްކަތްތައް މި އިވެންޓުގައި ހިއްސާކޮށްފައެވެ.

އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތްތަކާއި، މެކޭނިކަލް މަސައްކަތްތަކާއި، އޭސީ އަދި ވެންޓިލޭޝަންގެ އިތުރުން ފިއުލް ސަރވިސަސް އާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން އޭރޯ ޑްރޯމް ގްރައުންޑް އެއިޑްސް އާއި ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމުގެ ދާއިރާއިން ކުރާ މުހިންމު މަސައްކަތްތައްވެސް ވަނީ ދައްކާލާފައެވެ.

މި ހަރަކާތުގެ ތެރެއިން އެމް.އޭ.ސީ.އެލްގެ ތަޖުރިބާކާރު އިންޖިނިއަރުން ވަނީ ކުދިންނާ ބައްދަލުކޮށް، އެއާޕޯޓުގެ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތާއި، މި ދާއިރާއިން ކުރިއަށް ދިއުމަށް ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދީފައެވެ. މިއީ އޭވިއޭޝަން ދާއިރާއަށް ޝައުޤުވެރިވާ ޤާބިލު ޒުވާނުންތަކެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ