ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއް: ރައީސް

ސިނަމާލެ ބްރިޖަށް އަށް އަހަރު ފުރުމާ ގުޅިގެން ރައީސް މުއިއްޒާއި ވަފުދުގެ ބޭފުޅުން އެ ސަރަހައްދު ބައްލަވާލައްވަނީ.
ސިނަމާލެ ބްރިޖަށް އަށް އަހަރު ފުރުމާ ގުޅިގެން ރައީސް މުއިއްޒާއި ވަފުދުގެ ބޭފުޅުން އެ ސަރަހައްދު ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް

ސިނަމާލެ ބްރިޖު ހުޅުވިތާ އަށް އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ދެމެދުގައި އޮތް އިތުބާރާއި، އެއްބައިވަންތަކަމާއި، ދެ ގައުމުގެ އުންމީދީ ތަސައްވުރު ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒައާމަތުގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ރައްޔިތުންނަށް އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމުގެ އުންމީދު އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ބްރިޖަށް އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރައީސް މުއިއްޒު މިއަދު ހެނދުނު ވަނީ ސިނަމާލެ ބްރިޖު ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ.

2018 ވަނަ އަހަރުގެ އޮގަސްޓް 30 ގައި ރަސްމީކޮށް ހުޅުވި ސިނަމާލެ ބްރިޖަކީ މާލެ، ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅުވާލަދީ، ދަތުރުފަތުރަށް ބޮޑު ލުޔެއް ގެނެސްދިން މަޝްރޫއެކެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެގުމުގެ މަތިން ރާއްޖޭގައި ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ވެސް މެއެވެ.

ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށްދިޔައިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ. ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމަކާ އެކު ނިންމާލި މި ބްރިޖުގެ މެއިންޓެނަންސްގެ ހުރިހާ މަސައްކަތެއް، ބްރިޖު އެޅި ޗައިނާގެ ސީސީސީސީ ކުންފުނިން އަންނަނީ އެއްވެސް އަގަކާ ނުލައި ހިލޭ ބަލަހައްޓަމުންނެވެ.

ރައީސް ވަނީ މި މުނާސަބަތުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، ތަރައްގީގެ އާ އުސްމިންތަކަކަށް ވާސިލުވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ