އިންޖިނިއަރިން ދާއިރާގެ ތަހުލީލުތަކަށް ޚާއްސަ ޒަމާނީ އިމާރާތެއް ބިނާކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރާއްޖޭގައި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ޚާއްސަ އިމާރާތެއް ބިނާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން އިޢުލާނުކުރެއްވީ މިއަދު ފާހަގަކުރާ ދިވެހި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްސަ މެސެޖެއްގައެވެ.

ރައީސް ވިދާޅުވި ގޮތުގައި އަލަށް ގާއިމުކުރާ މި އިމާރާތަކީ "ސްޓޭޓް އޮފް ދަ އާޓް" ލެބޯޓްރީ ފެސިލިޓީތަކެއް ހިމެނޭނެ ތަނެކެވެ. މިތަނުގައި ސިވިލް، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް އަދި ސޮފްޓްވެއާ އިންޖިނިއަރިންގެ އިތުރުން، އެއިރޯނޮޓިކަލް އިންޖިނިއަރިން އާއި ރޮބޮޓިކްސް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ދާއިރާތަކުން ތަހުލީލުތައް ކުރެވޭނެއެވެ. މީގެ އިތުރުން ޑިޖިޓަލް އިންޖިނިއަރިންގެ ދާއިރާއިން ވެސް އެކްސްޕެރިމެންޓްތައް ހެދުމުގެ ފުރުޞަތު މި މަރުކަޒުގައި ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަނުވާނެ ގޮތަކަށް، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކެއްގެ އެހީގައެވެ. ރައީސް ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ދަރިވަރުންގެ އިތުރުން ބޭރުގެ ޤައުމުތަކުގެ ދަރިވަރުންނަށް ވެސް ރާއްޖެ އައިސް ދިރާސާތައް ކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގައި އިންޖިނިއަރިން ދާއިރާ އާ ހަރުފަތަކަށް ގެންގޮސް، މި ދާއިރާއިން މީހުން ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ސަރުކާރުން ދެކެއެވެ.

އިންޖިނޭރުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވަނީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަދާކުރާ ބުރަ މަސްއޫލިއްޔަތު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ފަންނީ ދިވެހި ޒުވާނުން ބޭނުންވާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ބޭނުންވާ މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ