ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާގެ ހާލު ސީރިއަސް، ދެ ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ސަން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުތައް ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އެ ކުއްޖާގެ ހާލަތާ މެދު މިވަގުތު ސީދާ ވަކި އެއްޗެއް ބުނަން ދަތި ނަމަވެސް، ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ. ރޭ 9:00 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވި ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން، އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުގައި، ވިނަރެސް 7 ފްލެޓް ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގުމަތީގައި ހުރި މީހެއްގެ ގައިގައި، ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ. އެ ސައިކަލު ދުއްވަން އިނީ އަނިޔާވި ކުއްޖާގެ 18 އަހަރުގެ ބޮޑުދައިތަ ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ދީފައިވެއެވެ.

އެކްސިޑެންޓްވުމާ އެކު ސައިކަލުގެ ފަހަތުގައި އިން ކުޑަކުއްޖާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެއެވެ. އެ ސަރަހައްދުގައި ތިބި މީހުން ބުނި ގޮތުގައި، ކުއްޖާ ހޭނެތިފައި އޮތްއިރު ބޮލުން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔައެވެ. ނަމަވެސް ކުއްޖާއަށް އަނިޔާވީ ކާރުގައި ޖެހިގެން ކަމެއް ނުވަތަ މަގުމައްޗަށް ވެއްޓިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ ގޮތުން އެ ސަރަހައްދުގައި އޮތް ދެ ކާރެއް މިހާރު ޓޯކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ