އިންޝުއަރެންސާ ބެހޭ ދެ ގަވާއިދަކަށް އަމަލުކުރަން ފަށައިފި

MMA

އިންޝުއަރެންސްއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލި މުހިންމު ދެ ގަވާއިދެއް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އެއަށް އަމަލުކުރަން ފަށައިފިއެވެ. މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އާންމުކުރި މި ދެ ގަވާއިދަކީ ރާއްޖޭގެ އިންޝުއަރެންސް ސިނާއަތް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ހިންގުމަށް މަގުފަހިވެގެންދާނެ ނިންމުމެކެވެ.

އަލަށް އަމަލުކުރަން ފެށި ގަވާއިދުތަކުގެ ތެރޭގައި ހިމެނެނީ އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު އާއި އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު އެވެ. މީގެ ތެރެއިން ފުރަތަމަ ގަވާއިދަކީ ރާއްޖޭގައި ހުރި ރިސްކުތަކުގެ ގޮތުގައި ބަލާނެ ކަންކަން ކަނޑައަޅައި، އެފަދަ ރިސްކުތަކަށް ރާއްޖޭގައި ލައިސަންސް ލިބިފައިވާ ކުންފުންޏަކުން އިންޝުއަރެންސް ޕޮލިސީއެއް ނެގުން ލާޒިމުކުރާ ގަވާއިދެކެވެ. ނަމަވެސް، ވަކި ހާލަތްތަކެއްގައި މީގެން އިސްތިސްނާ ލިބޭނެ ގޮތްތައް ވެސް މި ގަވާއިދުގައި ވަނީ ތަފްސީލުކޮށްދީފައެވެ.

އިންޝުއަރެންސްގެ އާންމު މާއްދާތަކާ ބެހޭ ގަވާއިދުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އިންޝުއަރެންސް ބްރޯކަރުންނަށް ލައިސަންސް ދޫކުރުމުގައި ބަލާނެ މިންގަނޑުތަކާއި، ވިޔަފާރި އިޝްތިހާރުކޮށް ކަސްޓަމަރުން ހޯދުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކެވެ. މީގެ އިތުރުން، އިންޝުއަރެންސް ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ހަމަތައް ވެސް މި ގަވާއިދުގައި ވަނީ ހިމަނާފައެވެ.

ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމްކުރުމަށްޓަކައި، އިންޝުއަރެންސް ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ 2025 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. މި ގާނޫނުގެ ދަށުން އެކުލަވާލި އާ ގަވާއިދުތަކުގެ ސަބަބުން، އިންޝުއަރެންސް ވިޔަފާރިތައް ހަރުދަނާވެ، ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ