ރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޔުނިވަސިޓީގެ ތެރެއިން ގާއިމުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ބައެއް ދަރިވަރުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެ ކުދިންގެ ހުރި ކަންބޮޑުވުންތައް އައްސަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދަރިވަރުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ ކިޔެވުމަށް ބޭނުންވާ އަމަލީ ވަސީލަތްތައް މަދުވުމާއި، ފެކަލްޓީގެ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ.
ދަރިވަރުންގެ ވާހަކަތަކަށް ރިއާޔަތްކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގައި ސައިންސާއި އިންޖިނިއަރިން ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް އެންމެ އެކަށީގެންވާ ފެންވަރަށް އަދި ގާއިމުކުރެވިފައި ނެތްކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ދަރިވަރުން ފާހަގަކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަކީ އަމިއްލަފުޅަށް ވެސް އިންޖިނިއަރިންގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅަކަށް ވާތީ، މި ދާއިރާގެ މުހިއްމުކަން ވަރަށް ބޮޑަށް އިހުސާސް ކުރެއްވޭ ކަމަށެވެ. ރާއްޖޭގެ ތަރައްގީއަށްޓަކައި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ދިވެހި ދަރިވަރުން ތަމްރީނުވެގެން ނުކުތުމަކީ ގައުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް ލަންަނުން ތައުލީމު ހާސިލުކުރެއްވި ދުވަސްވަރުގެ ތަޖުރިބާ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެތަނުގައި އަމަލީ މަސައްކަތަށް ދިން އިސްކަމުގެ ސަބަބުން ވަޒީފާގެ މައިދާނަށް ނުކުތުމަށް ވަރަށް ބޮޑަށް ފަސޭހަވި ކަމަށެވެ. ރާއްޖޭގައި ވެސް އެ ފެންވަރަށް ކަންކަން ނެތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.