18 ގައުމެއްގެ ބައިވެރިވުމާއެކު އައިޔޫއެމްގެ ބައިނަލްއަގުވާމީ ރިސާޗް ކޮންފަރެންސް ފަށައިފި

އައިޔޫއެމްގެ ބައިނަލްއަގުވާމީ ރިސާޗް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: މިނިސްޓްރީ
އައިޔޫއެމްގެ ބައިނަލްއަގުވާމީ ރިސާޗް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: މިނިސްޓްރީ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ރިސާޗް ކޮންފަރެންސް، "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

މި އަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ ނަން މަޝްހޫރު އިލްމީ ބޭފުޅުން ކީނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ޑރ. ޞާލިޙް ބިން ޢަލީ އަލް-ޢަޤްލާ އާއި، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރެކްޓަރ ޕްރޮފެސަރ ޒުލްކިފްލީ ޢަބްދުލް ރަޒާކްގެ އިތުރުން މިޞްރުގެ އަލް އަޒްހަރުގެ އެޑްވައިޒަރު ޕްރޮފެސަރ ޑރ. ނަހްލާ ޞަބްރީ ޤުޠުބު އަލް-ސަޢީދީ ހިމެނިވަޑައިގަންނަވައެވެ.

މި ފަހަރުގެ ކޮންފަރެންސަށް ޖުމްލަ 167 ދިރާސާ ކަރުދާސް ހުށަހަޅާފައިވާއިރު، މީގެ ތެރެއިން 83 ކަރުދާހަކީ ރާއްޖެއިން ބޭރުގެ ދިރާސާވެރިން ހުށަހަޅާފައިވާ ކަރުދާސްތަކެވެ. ކޮންފަރެންސްގައި 18 ގައުމަކުން 53 ބައިވެރިންނާއެކު ޖުމްލަ 473 ފަރާތަކުން ބައިވެރިވެއެވެ. ހުށަހެޅުނު ކަރުދާސްތަކުގެ ތެރޭގައި އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ 147 ކަރުދާހާއި، އަރަބި ބަހުން 12 ކަރުދާސް އަދި ދިވެހި ބަހުން ލިޔެފައިވާ 8 ކަރުދާސް ހިމެނެއެވެ.

މި ކޮންފަރެންސްގެ ތެރެއިން ދެ ޕެނަލް މަޝްވަރާއަކާއި، ތަފާތު ވޯކްޝޮޕްތަކުގެ އިތުރުން އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ކޮންފަރެންސްގެ ކުރިން އޭޕްރީލް މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް 8 ވޯކްޝޮޕެއް ބާއްވާފައިވާއިރު، ކޮންފަރެންސްގެ ފުރަތަމަ ދުވަހު ވެސް 10 ވޯކްޝޮޕެއް ކުރިއަށް ގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ