ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕްލިކޭޝަން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މިއީ އެ އިދާރާގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިއަދު ތައާރަފުކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން، ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ބަލާލުމާއި، ނަގާފައިވާ ފައިނޭންސިން ފެސިލިޓީތައް މެނޭޖްކުރުމުގެ އިތުރުން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމުވެސް މި އެޕްގައި ވަނީ ހިމަނާފައެވެ.
މިކަމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި އެޕްލިކޭޝަން ތައާރަފުކުރުމަކީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް ކުރާ ދަތުރުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ވިޔަފާރިވެރިންގެ ބަދަލުވަމުންދާ ބޭނުންތަކަށް ރިއާޔަތްކޮށް، އަވަސް އަދި ފަސޭހަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި މި އެޕްލިކޭޝަނަށް އިތުރު ފީޗާތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް އިޝްތިހާރުކޮށް ވިއްކޭނެ ފަދަ މާކެޓް ޕްލޭސެއް ތައާރަފުކުރުން ހިމެނެއެވެ. މި އެޕްލިކޭޝަން ދާދި އަވަހަށް އެޕް ސްޓޯ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، ހިދުމަތް ދޭން ފަށާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.