ސާނަވީ ތަޢުލީމުގެ މަރުޙަލާގައި ގިނަ ދަރިވަރުންތަކެއް ސައިންސް ސްޓްރީމް އިޚްތިޔާރުކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ބައެއް ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ގްރޭޑް އަށެއް ނުވަތަ ނުވައެއްގައި ސްޓްރީމް އިޚްތިޔާރުކުރާއިރު، ބިޒްނަސް ސްޓްރީމާއި ސައިންސް ސްޓްރީމާ ދެމެދު ބޮޑު ފަރަގެއް އެބައޮތެވެ. ބިޒްނަސް ސްޓްރީމަށް ކިޔެވުމަކީ މައްސަލައެއް ނޫން ނަމަވެސް، ސައިންސްގެ ދާއިރާތަކުން ދިވެހިން މަދުވުމުގެ ސަބަބުން ނުތަނަވަސްކަމެއް އުފެދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ބެލެންސް ހަމަކުރުމަށްޓަކައި ވީހާވެސް ގިނަ ކުދިން ސައިންސް އިޚްތިޔާރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ސައިންސް ސްޓްރީމް ކިޔަވައިދޭނެ ޤާބިލު މުދައްރިސުން ތަޢުލީމީ ނިޒާމުގެ ތެރެއިން ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި އިންޖިނިއަރިންގ ފަދަ ދާއިރާތަކުން ކުރިއަށް ދިއުމަށްޓަކައި ހިސާބު އިލްމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދަރިވަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތެވެ. ރައީސް ވިދާޅުވީ އިންޖިނިއަރިންގގެ އެކި ދާއިރާތަކުން ކިޔެވުމުގައި ހިސާބު އިލްމަކީ ވަރަށް މުހިންމު ބައެއް ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، އިންޖިނިއަރިންގގެ ހުރިހާ ދާއިރާއަކުންވެސް މީހުން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ރަށްރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް ކޯސްޓަލް އިންޖިނިއަރިންގ ދާއިރާއިން މީހުން ބޭނުންވާ މިންވަރު އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ދާއިރާތަކުގައި މިހާރު ގިނައިން ބިދޭސީން މަސައްކަތް ކުރަމުންދާތީ، އެ މަޤާމުތަކަށް ދިވެހިން ތަމްރީނުވެގެން ނުކުތުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.