ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ދޭންޖެހޭ ހަމަ އަގު ނުދެވެނީ ކަންނެލި ބޭރުކުރުމަށްދާ ޚަރަދު ބޮޑުވީމަކަމަށް ބޮޑު ކަންނެލި ގަންނަ ކުންފުންޏެއް ކަމަށްވާ އޯޝަން ހަންޓަރ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
ބޮޑުކަންނެލީގެ މަސްވެރިންނަށް ހަމައަގު ނުދެވެނީ ކީއްވެތޯ މަސްވެރިން އެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޯޝަން ހައްޓަރގެ މެނޭޖިންގ ޑިރެކްޓަރ ހަސަން އީމާން އީމާން ވިދާޅުވީ، އެކަން އެގޮތަށް ނުކުރެވެނީ މަސް ބޭރުކުރުމަށް ދާ ޚަރަދު ބޮޑުވުމުން ކަމަށެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ ހަމަ އަގު ނުދެވޭތީ ކަންބޮޑުވާ ކަމަށް އީމާން ވިދާޅުވިއެވެ.
"މަސްވެރިންގެ ޝަކުވާއަކީ، ހަމައަގު މަސްވެރިންނަށް ނުލިބުން. އަހަރެމެންވެސް ޤަބޫލުކުރަން މަސްވެރިންނަށް ހަމައަގު ނުލިބޭކަން. ސަރުކާރުންވެސް ކުންފުނިތަކުންވެސް އަދި މަސްވެރިންވެސް އެބަޖެހޭ އެންމެން އެއްކޮށް ލޮބީކުރަން. މަސްވެރިންނަށް އެބަ އެނގެންޖެހޭ 40 ރުފިޔާއަށް މަސްގަތީމައި އަދި އޭތި ޕްރޮސެސްކުރާއިރު، އެއަށް އެބަލާން ޖެހޭކަން ކޮސްޓެއް. ފްރައިޓަށް ވަރަށް ބޮޑު ކޮސްޓެއް. އެއަރޕޯޓަށް އެބަނަގާކަން އެތަށް ބައިވަރު ފީއެއް. މިގޮތަށް ގޮސް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް އެކި ކަހަލަށް ފީތައް ނަގާކަން. އަދި އޭގެ ތެރޭގައި އެބައާދޭ ޔޫރަޕުން ނަގާ ޖީއެސްޓީ. މިހާރު ކިހިނެއްތޯ އަޅުގަނޑުމެން 70ރ ނުވަތަ 80 ރުފިޔާއަށް މަސްގަނެގެން ވިއްކާނީ." އިމާން ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ބޮޑު ކަންނެލީގެ އަގު އެންމެ ބޮޑު ދުވަސްވަރަކީ ޔޫރަޕްގެ ބާޒާރުތަކަށް ސުން ރޭޓްގައި ޑިއުޓީ ނެގި ދުވަސްވަރުކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ، މިކަމަށް ހައްލެއް އޮތީ އީޔޫއާއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވިގެންކަމަށެވެ.
"ބޮޑުކަންނެލީގެ އަގު ބޮޑު ދުވަސްވަރަކީ އީޔޫއިން ސުން ރޭޓުގައި ޑިއުޓީ ނަގަމުން ދިޔަ ދުވަސްވަރު. ދިވެހިރާއްޖެއިން އީޔޫއަށް ބޭރުކުރާ މަހަށް މިހާރު އެބަނަގާ 24 ޕަސެންޓް ޑިއުޓީ. މީގެމާނަޔަކީ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ އެބަޖެހެޔޭ އީޔޫއަށް ޑިއުޓީގެ ގޮތުގައި ދައްކަން. މިއީ ހަމަ މަސްވެރިންގެ އަތުން ގެއްލިގެންދާ ފައިސާ އިނގޭތޯ. މިކަންކަން ހައްލުކުރެވެން އޮތީ އީޔޫއާއެކު މަޝްވަރާ ކުރެވިގެން. ރާއްޖެއަކީ އެކްސްޕޯޓް ކުރެވޭ އަދަދުތަކަށް ބަލާއިރު އެކަހަލަ ބޮޑެތި ޤައުމުތަކަށް މާ މުހިންމު ޤައުމަކަށް ނުވެދާނެ. އެ އުފައްދާ ގުޅުމަކުން އަޅުގަނޑުމެންނަށް ހޯދޭނެ ނަތީޖާއެއް މީގަ އޮންނާނީ." އާދަމް ޒިޔާދު ވިދާޅުވިއެވެ.
ބޮޑުކަންނެލީގެ އަގު ދަށްވުމަކީ ކަންނެލި މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއެވެ. ކަންނެލި ގަންނަ ކުންފުނިތަކުން އެވްރެޖްކޮށް ކަންނެލި ކިލޯއެއް މިހާރު ގަންނަނީ 55 ރުފިޔާއާއި 40 ދެމެދުގެ އަގުތަކެއްގައެވެ. މީގެ ކުރިން 100 ރުފިޔާއަށް ވުރެ މައްޗަށްކަންނެލި ކިލޯއެއްގެ އަގު އެރި ދުވަސްވަރެއް ވެސް ދިޔައެވެ.