އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އަލުން ރަޖިސްޓްރީވާން ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އެކި ޕްރޮގްރާމްތަކުގައި އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ އެޖެންސީން ބުނި ގޮތުގައި މި ފުރުސަތު ހުޅުވާލާފައިވަނީ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް އެ އެހީތައް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ ދަށުން، އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީ ދޫކުރަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އެންސްޕާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓްރީވެ، މިހާރުވެސް އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދަން އެދޭ ފަރާތްތަކުން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފޯމު ހުށަހަޅަން ޖެހޭނެއެވެ.

އެ އެޖެންސީން އިތުރަށް ބުނެފައިވަނީ، ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަކަށް އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް މެދުވެރިކޮށް ހުށަހަޅުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް އަލުން ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އެންސްޕާއިން ފޯރުކޮށްދޭ އެހީގެ ތެރޭގައި ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއާއި، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށް ދެވޭ އެހީގެ އިތުރުން، ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީވެސް ހިމެނެއެވެ.

މި އެހީތަކަށް އެދި ހުށަހަޅަންޖެހެނީ https://one.gov.mv ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހެޅުމުގައި ދަތިވާ ފަރާތްތަކަށް އެންސްޕާގެ ކައުންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެ އެޖެންސީގެ ހޮޓްލައިން ނަންބަރު 1402 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެންސްޕާއިން އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ