ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު ފާހަގަކުރާ ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅިގެން، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދާއިރާގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތަކެއް ބާއްވައިފިއެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފަރާތުން އިންތިޒާމުކުރި މި ހަރަކާތްތައް ހާއްސަކޮށްފައިވަނީ އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ ޓްރޭނިންގް އިންސްޓިޓިއުޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީއެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހިމްގެ އިތުރުން އެ ކުންފުންޏާއި ގައުމީ ޔުނިވާސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތުގެ ތެރެއިން އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިންގްގެ ދަރިވަރުންނަށް ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި އެސްޓީއޯއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން، ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އެސްޓީއޯގެ އެކި ސައިޓްތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ.
އެގޮތުން ދަރިވަރުން ވަނީ އެސްޓީއޯގެ ރެޑީމިކްސް ކޮންކްރީޓް އުފައްދާ ސައިޓަށާއި، ކޮންކްރީޓް ޓެސްޓްކުރާ ލެބޯޓްރީއަށް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތްތައް ބަލާލާފައެވެ. މީގެ އިތުރުން މަކިޓާ ޝޯރޫމާއި، ނިޕޯން ޕެއިންޓްގެ ކަލާ މިކްސިންގް ޓެކްނޮލޮޖީ ބޭނުންކުރާ ސަރަހައްދުގެ އިތުރުން، ލިފްޓް އިންސްޓޯލްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ ސައިޓަކަށް ވެސް ދަރިވަރުން ޒިޔާރަތްކުރިއެވެ.
މިފަދަ ހަރަކާތްތަކުގެ ސަބަބުން ކިޔަވާ ދަރިވަރުންނަށް ދާއިރާގެ އަމަލީ މަސައްކަތްތައް ހުންނަ ގޮތް ގާތުން ފެނި، މުސްތަގުބަލުގައި މަސައްކަތުގެ މައިދާނަށް ނުކުތުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ގަބޫލުކުރެއެވެ.