ތާރީޚީ ހިނގާލުމެއް: ރައީސް މުޢިއްޒު ތިލަމާލެ ބުރިޖު ހުރަސްކުރައްވައި މާލެއިން ވިލިމާލެއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ތިލަމާލެ ބުރިޖު މަތިން ހިންގަވާފައި ވަޑައިގަންނަވަނީ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ތިލަމާލެ ބުރިޖު މަތިން ހިންގަވާފައި ވަޑައިގަންނަވަނީ ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެއިން ވިލިމާލެއަށް ބުރިޖު ހުރަސްކުރައްވައި ހިންގަވާފައި ވަޑައިގެންފިއެވެ. މިއީ މި ބުރިޖުގެ މަސައްކަތް ފެށިފަހުން ދައުލަތުގެ އެންމެ މަތީ ވެރިޔަކު ބުރިޖު މަތިން ހިންގަވާފައި އެއް ރަށުން އަނެއް ރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މިއަދު ހަވީރު 5:15 ހާއިރު މާލެއިން ފެއްޓެވި މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސް ބައެއް ވެރިންގެ އިތުރުން ނޫސްވެރިން ވެސް ބައިވެރިވިއެވެ. ވިލިމާލެއަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަޑުޖެހިފައި ހުރި ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް ކަމަށެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ބުރިޖުގެ މަސައްކަތުގެ އެންމެ 27 އިންސައްތަ ނިމިފައި އޮތް ނަމަވެސް، މިހާރު މުޅި މަޝްރޫޢުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ ސަރުކާރުން މަޝްރޫޢުތައް ހަލުއިކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖަކީ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެކެވެ. މީގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. ބާކީ 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ ކްރެޑިޓް ލައިނެއްގެ ދަށުން ހަމަޖައްސާފައިވާ ފައިސާއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތައް އަވަސްކުރުމަށް ދެ ޤައުމުގެ މެދުގައި އެކުލަވައިލި މަތީ ފަންތީގެ ކޮމިޓީގެ ސަބަބުން ބުރިޖުގެ މަސައްކަތުގެ އިތުރުން ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަށް ވެސް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. މި މަޝްރޫޢު ނިމުމުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ