އަނބިމީހާއަށް ހަމަލާދީ ކާރު ފޭރިގަނެ، އެކްސިޑެންޓްތަކެއް ހިންގި މީހާގެ ބަންދަށް 15 ދުވަސް

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ

ފުވައްމުލަކު ސިޓީގައި އަނބިމީހާއަށް އަނިޔާކުރުމަށްފަހު، ގަދަކަމުން ކާރު އަތުލައިގެން ދުއްވައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސި 6:22 ހާއިރުއެވެ. ފުވައްމުލަކު "މޫޑިގެ" ކުރިމަތިން ބާރު މިނުގައި ދުއްވާފައި ދިޔަ މި ކާރު ވަނީ އެ މަގުން ދަތުރުކުރި ސައިކަލެއްގައި ޖައްސައި އެކްސިޑެންޓް ކޮށްލާފައެވެ. އެއަށްފަހު މަޑުނުކޮށް ގޮސް، އެ މަގުން ދަތުރުކުރި އެހެން ކާރެއްގައާއި ރުކެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި އޭނާގެ ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އެ ދެ މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި މައްސަލާގައި ހައްޔަރުކުރި މީހާ ކާރު އަތުލާފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ގަދަކަމުންނެވެ. އަދި އެ ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ