މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަކިވަކިން ތަހުނިޔާގެ ސިޓީފުޅުތަކެއް ފޮނުއްވައިފިއެވެ. މި ސިޓީފުޅުތަކުގައި ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މެލޭޝިއާގެ ސަރުކާރަށާއި އަހުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ރަސްގެފާނު ސުލްޠާން އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި، ފާއިތުވި 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އެކުވެރިކަމާއި، އިހުތިރާމާއި، އެއްބާރުލުމުގެ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ގުޅުން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، މި ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެ ގައުމުގެ ދެމެދުގައިވާ އެއްބާރުލުން އިތުރުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވީ، ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ ބައްދަލުވުންތަކާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށެވެ. މީގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށާއި މުހިންމު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެން ގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މި އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، އޭގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުންތައް ފުޅާވެ، ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމުގެ ޔަގީންކަން ފާޅުކުރެއްވިއެވެ. ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1968 ވަނަ އަހަރުގައެވެ. ސިޓީފުޅުތައް ނިންމަވާލައްވަމުން ރައީސް ވަނީ މެލޭޝިއާގެ ވެރިންނަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނެވި ސުލްހައާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.