ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ފުލުހުންނާއި އެޗްޑީސީން މަޝްވަރާކޮށްފި

ހުޅުމާލޭގެ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުންނާއި އެޗްޑީސީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ޕޮލިސް
ހުޅުމާލޭގެ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުންނާއި އެޗްޑީސީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހުޅުމާލެ ޕޮލިހާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނުގައި ބޭއްވި މި ބައްދަލުވުމުގައި، ހުޅުމާލޭގެ މަގުތަކުގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދުތަކާއި، ބާރު ދުވެލީގައި އުޅަނދުތައް ދުއްވާ ސަރަހައްދުތައް ދެނެގަނެ، އެ ތަންތަނުގައި އަޅަންޖެހޭ އަވަސް ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ ފުޅާދާއިރާއެއްގައި ވާހަކަދައްކާފައެވެ. މި ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރ އިބްރާހީމް ޚަލީލާއި، ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރ އަޙްމަދު ހަނީފްގެ އިތުރުން އެޗްޑީސީގެ ޕްލޭނިންގ ހެޑް އަޙްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މައިގަނޑު ތިން ދާއިރާއަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކޮށްފައެވެ. އެއީ އިންޖިނިއަރިންގ، އެންފޯސްމަންޓް އަދި އެޑިއުކޭޝަންގެ ދާއިރާއެވެ. އެގޮތުން ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށާއި، ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން، ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުން ހަރުދަނާކުރުމާއި، ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން ވެސް ދެ މުއައްސަސާއިން ވަނީ މަޝްވަރާކޮށްފައެވެ. މަގުތަކުގެ ކަންމަތިތަކާއި ދުވާރުމަތީގައި ޕާކުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި، ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމަކީ ވެސް މި ބައްދަލުވުމުގައި ފާހަގަކުރެވުނު މުހިންމު ކަންކަމެވެ.

މަގު ބޭނުންކުރާ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް ވަނީ ރާވާފައެވެ. މި ހުރިހާ މަސައްކަތެއްގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ މަގުތަކަކީ އެންމެންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުން ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ