އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް، ހ. ވައިޓްޑައިމަންޑް، ޖަމީލާ ޢަލީ ޚާލިދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ޖަމީލާއަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި މަގާމަށް ޖަމީލާ އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވީ މި ހިނގާ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، ޖަމީލާގެ ޝަރުތު ހަމަވާކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާ އެ މަގާމަށް އައްޔަންކުރުމަށް ރުހުން ދީފައެވެ.
ޖަމީލާ ޢަލީ ޚާލިދަކީ މީގެ ކުރިން ވެސް ޚާރިޖީ ދާއިރާގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު އޭނާ ވަނީ އަދާކުރައްވާފައެވެ.
ޚާރިޖީ ދާއިރާގެ އިތުރުން، ޖަމީލާ ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމާއި، ތައުލީމީ ދާއިރާ އަދި ދައުލަތުގެ މީޑިއާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ.