މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 17.37 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިއީ 2025 ވަނަ އަހަރުގެ ޖުލައި މަހު ލިބުނު 12.04 މިލިއަން ރުފިޔާއާ އަޅާބަލާއިރު 44.2 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު، މިދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާ އިތުރަށް މިއަހަރުގެ ޖުލައި މަހު ވަނީ ޒަކާތު ފަންޑަށް ޖަމާވެފައެވެ. ޒަކާތު ހައުސްއިން ބުނާ ގޮތުގައި، މި އިދާރާ ވަކި ހާއްސަ މުއައްސަސާއެއްގެ ގޮތުގައި ހިންގަން ފެށި ފަހުން ޒަކާތުގެ ގޮތުގައި ލިބޭ އާމްދަނީ އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.
ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން، ޖުލައި މަހުގެ ތެރޭގައި އެކި ބޭނުންތަކަށް 2.80 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ގިންތިއަށެވެ. އެގޮތުން އެ ބަޔަށް ޖުމްލަ 1.75 މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ.
ފަގީރުންނަށް ދޫކުރި އެހީގެ ތަފްސީލަށް ބަލާއިރު، ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.48 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތައް ފުއްދުމަށް 155,950 ރުފިޔާ ޒަކާތު ފަންޑުން ވަނީ ދޫކޮށްފައެވެ.