ރާއްޖޭގެ ޕާސްޕޯޓު ބުކްލެޓް ލިބުން ލަސްވުމާ ގުޅިގެން، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދިނުމަށް މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތަފުސީލު މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. އެ އިދާރާއިން ބުނީ ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅަންޖެހޭނީ ވެސް ކުރިން އާ ޕާސްޕޯޓަކަށް އެދި ހުށަހަޅާ އުސޫލުން 'އިމުގަ' ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މި ވަގުތަށް ހަމަޖައްސާފައިވާ އުސޫލުގެ ދަށުން، ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިނުމާއި އިމަޖެންސީ ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދެނީ އެއްވެސް ފީއަކާ ނުލައެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އާ ޕާސްޕޯޓަކަށް އެދޭ ފަރާތްތަކަށް، އާ ބުކްލެޓެއް ދޫކުރުމުގެ ބަދަލުގައި މިހާރު އޮތް ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027 ގެ ނިޔަލަށް އިތުރުކޮށްދޭނެއެވެ. މިއީ ޕާސްޕޯޓު ސްޓޮކް މެނޭޖްކުރުމަށްޓަކައި އެޅި ވަގުތީ ފިޔަވަޅެކެވެ.
ޕާސްޕޯޓު ބުކްލެޓް ލިބުން ލަސްވާން ދިމާވީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން އިންޑިއާ އާއި ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރާނީ އިމަޖެންސީ ޕާސްޕޯޓެވެ.
އިމަޖެންސީ ޕާސްޕޯޓަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ އަށް ސަފުހާގެ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އިމިގްރޭޝަނުން ވަނީ މި ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ. އަދި މި ދަތިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.