ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް ޓަވަރުގެ ތިންވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރު ދޭއްގެ ތިންވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:35 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ.
މި ހާދިސާގައި އަނިޔާވި ކުއްޖާއަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި އެ ކުއްޖާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ކުއްޖާ ވެއްޓިފައި އޮތް ސަރަހައްދުގައި ފުލުހުންނާއި އާންމުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދުގައި ކުއްޖާގެ ގައިމަތީގައި ފޮތިގަނޑެއް އަޅާފައި އޮތް މަންޒަރުވެސް ފެނެއެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ. މިއީ ކިހިނެއް ހިނގި ހާދިސާއެއްކަން ދެނެގަތުމަށް ފުލުހުން އެ ސަރަހައްދުގައި މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.