ރާއްޖޭގެ ރިސޯޓުތަކަށް މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ލާޒިމްވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ. މި ބަދަލަކީ ކަމާގުޅޭ ފަންނީ ދިރާސާތަކެއް ކުރުމަށްފަހު ގެނައި ބަދަލެއް ކަމަށާއި، މީގެ ސަބަބުން ރިސޯޓުތައް ހިންގުމަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
އާ ގަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގެ 'ކެޓެގަރީ އޭ' ގައި ހިމެނޭ ތަންތަނުން ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހްތިޔާރު ވަނީ އުވާލާފައެވެ. އޭގެ ބަދަލުގައި މިހާރު ލާޒިމްކޮށްފައިވަނީ ލިބޭ ގްރޮސް ސޭލްސް ނުވަތަ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މަރުކަޒީ ބޭންކުން ހުއްދަ ދީފައިވާ ބޭންކަކަށް މާރުކުރުމަށެވެ. އަދި 'ކެޓެގަރީ ބީ' ގެ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، ބޭރު ފައިސާއިން އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުންވެސް އެމީހުންގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހޭނެއެވެ. ނަމަވެސް، މީގެ ތެރެއިން 100 އިންސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަން ޖެހޭނީ އާމްދަނީގެ 7 އިންސައްތަ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މިގޮތަށް މާރުކުރަންޖެހޭ ފައިސާ، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް ޖަމާކޮށް ނިންމަން ޖެހެއެވެ.
މި ނިންމުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުން 5.6 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، ބޭންކިން ނިޒާމަށް ވަދެފައިވަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި ބޭންކުތަކަށް މާރުކޮށްފައިވަނީ އެންމެ 21 އިންސައްތަ ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މީގެ ކުރިން މި އަދަދު ހުރީ އެންމެ 10 އިންސައްތައިގައި ކަމަށެވެ. އެހެންކަމުން، އާ އިސްލާހުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ގެނައުމަށާއި އިގްތިސާދީ ހަމަޖެހުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު އުއްމީދު ކުރައްވައެވެ.
"ރިސޯޓުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށްފަހުވެސް 40 އިންސައްތަ މާރުކުރުމަކީ ކުރެވޭނެ ކަމެއްކަން ހިސާބުތަކުން ފެންނަން އެބައޮތް. މިއީ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫން." - ރައީސް މުއިއްޒު
ރައީސް އިތުރަށް ވިދާޅުވީ، މުވައްޒަފުންނަށް ޑޮލަރުން ދެމުން އަންނަ މުސާރައަށް މި ބަދަލުގެ ސަބަބުން އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ ކަމަށެވެ. އަދި ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު މާރުކުރާ ފަރާތްތަކުން އެކަން ކުރަނީ ފައިސާ ހުރީމަ ކަމަށާއި، އާ ގަވާއިދާއެކު މިފަދަ ކަންކަން ހުއްޓުވުމަށް މަގުފަހިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ ބާޒާރު ކޮންޓްރޯލް ކުރުމަށްޓަކައި، އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި، އެކަމަށް އިޝްތިހާރު ކުރުމަކީ ކުށެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ. މިފަދަ ކުށްތަކަށް އަމިއްލަ ފަރުދުން 25,000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގާނޫނީ ޝަހްސުތައް ނުވަތަ ކުންފުނިތައް 100,000 ރުފިޔާއިން ފެށިގެން 5 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް ވަނީ ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި ސަރުކާރުން ކުރަމުންދާ މި މަސައްކަތުގައި ރިސޯޓުތަކުގެ ވެރިންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.