މަސްވެރިކަމުގެ ސިނާއަތް އާ ހަރުފަތަކަށް ގެންދިއުމަށް ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެސްފި

ރައީސުލްޖުމްހޫރިއްޔާ ބިލުތައް ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ބިލުތައް ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، މަސްވެރިންނަށް ލިބެންޖެހޭ ހައްގު މިންވަރު ކަށަވަރުކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެސް، އެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ. މި އިސްލާހުތަކަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ގާނޫނާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެނެވުނު ބަދަލުތަކެކެވެ.

މި އިސްލާހުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުފަހަރާއި އެހެނިހެން ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް ވަނީ އިތުރަށް ތަފްސީލުކޮށްފައެވެ. ވަކިން ހާއްސަކޮށް، ބޭރުގެ އުޅަނދުފަހަރުން ގާނޫނާ ހިލާފުވާ ހާލަތްތަކުގައި އެ އުޅަނދެއް ނިސްބަތްވާ ގައުމު ނުވަތަ 'ފްލޭގް ސްޓޭޓް' ޒިންމާދާރުކުރުވޭނެ ހަމަތައް މިހާރު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ގާނޫނާ ހިލާފުވާ ފަރާތްތަކަށް ދެވޭ އަދަބުތަކާއި ޖޫރިމަނާގެ މިންވަރުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމުގެ ގޮތުން، މަސްވެރިކަމަށް ހާއްސަ ބަނދަރުތައް ތަރައްގީކޮށް ހިންގުމުގެ ގާނޫނީ އޮނިގަނޑެއް މި އިސްލާހާއެކު ވަނީ ތައާރަފުކުރެވިފައެވެ. މިފަދަ ބަނދަރުތަކުން މަސްވެރި އުޅަނދުފަހަރަށް ބޭނުންވާ ހިދުމަތްތަކާއި، މަސް ކިރުމާއި ޕްރޮސެސްކުރުމުގެ އިތުރުން، މަސްވެރިކަމަށް ބޭނުންވާ އާލާތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މިއީ މަސްވެރިންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.

"މަސްވެރި ސިނާއަތް އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖަހައި، މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް މި ގާނޫނުގެ ސަބަބުން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ،" - ރައީސް މުއިއްޒު

އަލަށް ގެނެވުނު އިސްލާހުތަކުގައި 'ސްޕޯޓްސް ފިޝިންގް' ނުވަތަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމަށް ވެސް ވަނީ ހާއްސަ ސަމާލުކަމެއް ދީފައެވެ. މި ދާއިރާ ކުރިއެރުވުމަށްޓަކައި ވަކި ސަރަހައްދުތަކެއްގައި ބޮއި އެޅުމާއި، އެކަމަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން އެކުއަކަލްޗާ ނުވަތަ ކަނޑުފަޅުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތްތަކަށް ސަރަހައްދުތައް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ވެސް ވަނީ ހަރުދަނާކޮށްފައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި، މި އިސްލާހުތަކާ ގުޅިގެން އެކުއަކަލްޗާކުރުމާއި، މަސްވެރިކަމުގެ ބަނދަރުތައް ހިންގުމާ ބެހޭ އާ ގަވާއިދުތައް ހަދައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ބަދަލުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސޯދަށް ވެސް އޭގެ ފައިދާ ކުރާނެ، ޒަމާނީ މަސްވެރިކަމުގެ ނިޒާމަކަށް މަގުފަހިކޮށްދޭނެ ކަންކަން ކަމަށް ސަރުކާރުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ