މިނިސްޓަރ އަލީ އިހްސާންގެ ނަމުގައި، ރަސްމީ ސިޓީއެއްގެ ސިފަ ޖެހޭ ގޮތަށް ތައްޔާރުކޮށްފައިވާ ފޭކު ސިޓީއެއް މީސްމީޑިއާގައި ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މިނިސްޓަރު އިލްތިމާސް ކުރައްވައިފިއެވެ.
މި ސިޓީއަކީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފަށް ފޮނުވާފައިވާ ސިޓީއެއް ކަމަށް ދެއްކުމަށް ބަޔަކު ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މިނިސްޓްރީގެ ލެޓާހެޑް ބޭނުންކޮށްގެން ހަދާފައިވާ މި ސިޓީގައި، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ސަރުކާރާ މެދު ނުރުހުން އުފެއްދުމަށްޓަކައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ، ހޯމް މިނިސްޓްރީއަކީ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ، ބޭންކަކަށް ވިޔަސް ނުވަތަ އެހެން އެފަދަ އެހެން އިދާރާއަކަށް ވިޔަސް އެފަދަ އެއްވެސް ލިޔެކިއުމެއް މިނިސްޓްރީން ފޮނުވާފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި މިފަދަ ދޮގު މައުލޫމާތު ފެތުރުމުގެ އަމަލުތައް ނުހިންގުމަށް އެންމެހާ ފަރާތްތަކަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
ސަރުކާރުން ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށާއި، ރައްޔިތުންނަށް ހަމަ އަގުގައި ޑޮލަރު ލިބޭނެ މަގު ފަހިކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، ބަޔަކު ގަސްތުގައި ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.