ރާއްޖޭގައި ގަވާއިދާ ހިލާފަށް ޑޮލަރުގެ މުއާމަލާތްކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފި

Simple-OG (8)

ރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދިޔަ ބަޔަކު، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 4 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 2 މީހެކެވެ. މި މީހުންނަކީ ރާއްޖޭގައި ހުއްދަ ދެވިފައިވާ ދާއިރާތަކުން ބޭރުން، ގަވާއިދާ ހިލާފަށް ޑޮލަރުގެ މުއާމަލާތްތައް ހިންގަމުންދިޔަ ބައެއް ކަމަށް ތަހުގީގުން ވަނީ ދެނެގަނެވިފައެވެ.

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ތިން އަހަރުގެ ތެރޭގައި މި މީހުންގެ ބޭންކް އެކައުންޓްތަކުން 54 މިލިއަނަށްވުރެ ގިނަ ރުފިޔާ އާއި 1.6 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ހިންގުމަށް ބޭނުންކޮށްފައިވާ ފައިސާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މިފަދަ ގަވާއިދާ ހިލާފު އަމަލުތައް ހިންގުމުގައި ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކާއި، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބޭނުންކުރަމުންދާ ކަމަށެވެ. އެހެންކަމުން، ބިދޭސީން އިސްވެ ހިންގާ މިފަދަ ގާނޫނާ ހިލާފު ކަންކަމަށް ފުރުސަތު ނުދިނުމަށާއި، އަމިއްލަ އެކައުންޓްތައް މިފަދަ ކަންކަމަށް ދޫނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި، ހަމަ އަގުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ހިންގޭ އޮޕަރޭޝަންތަކަކީ އިގްތިސާދީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ