ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތައް ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖާ މިއަދު ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، މ. ލެމަންޓްރީ 1، ޒީވާ ސިނާން އަޙްމަދެވެ. އެކްސިޑެންޓްގައި ލިބުނު ސީރިއަސް އަނިޔާތަކަށް ޒީވާއަށް ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ. ޒީވާގެ ކަށުނަމާދު މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 9:04 އެހާކަންހާއިރު ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސްމަގުގައެވެ. ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން އުޅުނު މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ޒީވާ އިނީ ސައިކަލުގެ ފަހަތުގައެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ އަންހެން މީހާއަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.