މަސްވެރިކަމާއި ގުޅޭ

އައިސް އަޅައިގެން މަސް ފިނިކުރުން

ކަޅުބިލަމަސް ބާނާއިރު ފިނިހޫނުމިން އާންމުކޮށް ހުންނަނީ އެވްރެޖްކޮށް 30 ޑިގްރީގައެވެ. ކުންފުނިތަކުން އައިސް މަހުގެ ގޮތުގައި ގަންނަނީ 12 ޑިގްރީއަށް ފިނިހޫނުމިން ދަށްކޮށްފައި ހުންނަ މަސްތަކެވެ.

މަސްބާނަނީ ހުރިހާ ދޯންޏެއްގެވެސް ތައްޓުމައްޗަށް ނުވަތަ މަސްވަތުގެ މަތިކަނަށެވެ. އެހެންކަމުން މަސްބާނަމުންދާ ވަރަކަށް މަސްތައްދާނީ ވަތަށް އެޅެމުންނެވެ. ބައެއް މަސްތައް ތައްޓުމަތީގައި ހުރެއެވެ. ދޭތެރެދޭތެރެއިން ތައްޓުމަތީގައި ހުންނަ މަހުގެ މަށްޗަށާއި ވަތުތެރެއަށްވެސް ފެންޖަހ،ާ އިރުގެ ހޫނުން މަސްތައް ހިކިގެން ދިޔަނުދީ ތާޒާކޮށް ގެންގުޅެން މަސައްކަތް ކުރެއެވެ.

މަސްތައް ދޯނީގެ ތައްޓުމަތީގައި / ފޮޓޯ: މަސްވެރިން އެމްވީ

މަސްބާނާ ނިމުމުން، މަސް ފިނި ކުރުމަށް އެންމެ ފުރަތަމަ ކަމަކަށް މަސްވަތް ސާފުކުރަންޖެހެއެވެ. މަސްވަތުގައި ހުންނަ ލޭފެން އެއްކޮށް ކަހާ ހިއްކާލަން ޖެހޭނެއެވެ. މިހާރުގެ ދޯނިތަކުގެ މަސްވަތްތައް ފަރުމާ ކުރެވިފައި ހުންނަ ގޮތުން ވަތުން މަސް ނުނަގާ ފެންގަނޑު އެއްކޮށް ކަހާލެވެއެވެ. އެހެންކަމުން، ޕަންޕް ބޭނުންކޮށްގެން ލޭފެން ސާފުކުރަމުން ދާވަގުތު، މަސްތަކުގެ މަށްޗަށް ސާފު ފެންއަޅާ މަސްތައް ރަގަޅަށް ދޮންނަންވާނެއެވެ.

މަސް ވަތަށް އެޅުމަށްފަހު ފެންޖަހައިގެން މަސްތައް ދޮންނަނީ. މިގޮތަށް މަސް ދޮންނަން އައިސް ފެން ބޭނުންކުރޭ / ފޮޓޯ: މަސްވެރިން އެމްވީ

މަސްތައް ދޮވެވި، ލޭފެން އެއްކޮށް ކަހާ ނިމުމުން އެންމެ ފުރަތަމަ ކަމަކަށް، އައިސް އަޅާފައިހުރި ވަތުގެ އަޑީގައި ހުންނަ ފިނި ފެން މަސް ވަތަށް އަޅައެވެ. މަސްވަތުގެ ތެރޭގައި ހުރި މަސްތަކުގެ މަތީ ފަށާލައާ ހަމައަށް އައިސްފެން އަޅާ ނިމުމުން، ދެން މަސްތަކުގެ މަށްޗަށް އައިސް އަޅަން ފައްޓަންވީއެވެ. މި ގޮތަށް އައިސް އެޅުމުގައި މަހުގެ "ޓެމްޕަރޭޗަރ" ދަށްކޮށްލުމަށް ކުރެވޭ އެންމެ މުހިންމު ކަމަކީ، ވަތަށް އައިސް އަޅަމުންދާ ވަރަކަށް ޕަންޕް ބޭނުންކޮށްގެން މަސް ވަތުގެ ތެރޭގައި އައިސްފެން ދައުރުކުރެވޭ ގޮތް ހެދުމެވެ. އެގޮތުން ޕަންޕު ބޭނުންކޮށްގެން ވަތުގައި ހުންނަ އައިސްފެން އައިސްތަކުގެ މަށްޗަށް ޖެހުމުން އައިސް ގިރެން ފަށައެވެ.

މަސްތައް މައްޗަށް އައިސް އަޅުމަށްފަހު އައިސްތައް ގިރުވާލަނީ / ފޮޓޯ: މަސްވެރިން އެމްވީ

3 ނުވަތަ 4 ޓަނު މަސް ވަތެއްނަމަ، 200 ވަރަކަށް ކިލޯގެ އައިސް ބޭނުންކޮށްގެން މަސްވަތުގެ ފެންގަނޑު ދައުރު ކޮށްލަންވާނެއެވެ. މިގޮތަށް އަމަލުކުރުމުން މަހުގެ "ޓެމްޕަރޭޗަރ" ވަރަށް އަވަހަށް ދަށަށް ދެއެވެ. މިގޮތަށް އަމަލުކުރުމުން އެވްރެޖްކޮށް 1 ޓަނު އައިސް ބޭނުންކޮށްގެން 3 ޓަނުމަސް ކޮލިޓީކޮށް މަސްގަންނަ ކުންފުނިތަކުން ކަނޑައަޅާފައިވާ މިންގަނޑަށް އައިސް މަހުގެ މިންގަނޑަށް ފިނިކޮށްލެވޭނެއެވެ. މިއީ އާންމުކޮށް ދޯނިފަހަރުގައި މަސް ފިނިކުރާ ގޮތެވެ.

މަސްކިރަން ދިއުމުން މަހުގެ ކޮލިޓީ ބަލަން މަހުގެ ޓެމްޕަރޭޗަރު ބަލަނީ / ފޮޓޯ: މަސްވެރިން އެމްވީ

ރާއްޖޭގެ ބައެއް ދޯނިފަހަރުގައި މަސް ފިނިކުރުމުގައި އެންމެ ފުރަތަމަ، މަސްވަތުން މަސް ނަގައެވެ. އަދި މަސްވަތް ރީއްޗަށް ސާފު ކުރުމަށްފަހު، އައިސް އަޅައެވެ. ދެން އޭގެ މަށްޗަށް މަސް އަޅައެވެ. އެކަށީގެންވާ ވަރަށް މަސްއެޅުމުން، އަނެއްކާވެސް އައިސްއަޅާ އޭގެ މަށްޗަށް މަސް އަޅައެވެ. މިގޮތަށް މަސްވަތް ފުރެންދެން އައިހާއި މަސް އަޅައެވެ. މިއީ އައިހުގެ ޚަރަދު ބޮޑު ގޮތެކެވެ. އާންމުކޮށް މިހެން މަސް ފިނިކުރުމުން، ކޮންމެ މަސްޓަނަކަށް އައިސް ޓަނެއް ބޭނުން ކުރަން ޖެހެއެވެ.

ފިނިކުރާ ނިޒާމްތައް ހަރުކޮށްފައި ހުންނަ ދޯނިތަކުގައި މިއީ ވަރަށް ފަސޭހަ ކަމެކެވެ. މަސް ފިނިކުރުމުގެ ހުރިހާ ކަމެއް ކުރަނީ "އޮޓޯމެޓިކް ސިސްޓަމް" އަކުންނެވެ. މަސްވެރިން މަސްތައް ދޮވެސާފުކޮށް މަސްވަތަށް އަޅާލުމުން، މަސްފިނިކުރަން ދޯނީގެ އައިސްޕްލާންޓާ ހަވާލުވެފައި ހުންނަ މަސްވެރިޔާ މަސްތަކުގެ "ޓެމްޕަރޭޗަރ" ބޭނުންވާ މިންގަނޑަށް ގެނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!