މަސްވެރި އުޅަނދުފަހަރަށް ސަރުކާރުން ދޫކުރަމުންދާ ތެލުގެ ސަބްސިޑީގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް އެ ހިދުމަތަށް އެދުމާއި ސަބްސިޑީ ދޫކުރުން ލާޒިމްވާގޮތަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. މި ބަދަލަކީ ސަބްސިޑީ ދިނުމުގެ ކަންކަން މިހާރަށްވުރެ ދެފުށް ފެންނަ، ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެ ކުރިން މަސްވެރިކަމުގެ ލައިސަންސް އޮންނަ އުޅަނދުފަހަރަށް މި ސަބްސިޑީ ދޫކުރަމުން އައީ ޕޯޓަލް މެދުވެރިކޮށް ވަކި ރިކުއެސްޓެއް ފޮނުވުމަކާ ނުލައެވެ. ނަމަވެސް، އަލަށް ގެނައި ބަދަލާއެކު، ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ އުޅަނދަކުން ވެސް "ފަހިހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. މި ޕޯޓަލްގައި އަދި ރަޖިސްޓްރީވެފައި ނުވާ އުޅަނދުފަހަރުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން ވަނީ ހާއްސަ އިނާޔަތްތަކެއް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ތެލުގެ ސަބްސިޑީ ދިނުމުގެ އިތުރުން، މަސް ކިލޯއެއް ގަންނަ އަގު ބޮޑުކުރުން ވެސް ހިމެނެއެވެ. މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އެފް.އެސް.އެމްގެ ޝެޑްތަކުން މަސްވެރިންނަށް ލުއި އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ސަބްސިޑީއަކީ މިވަގުތު މަސްވެރިކަމުގެ ލައިސަންސް އޮތް އުޅަނދުފަހަރަށް އެކަނި ދޫކުރާ އިނާޔަތެކެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަސްވެރިންނަށް ލިބޭ ހިދުމަތްތައް އަވަސްކޮށް، ނިޒާމުގެ ތެރެއިން ކަންކަން އޮޅުންބޮޅުންވިޔަ ނުދީ ކުރިއަށް ގެންދިއުމެވެ. މި ބަދަލާއެކު ސަބްސިޑީގެ ހިސާބުތައް ބެހެއްޓުމަށާއި ހައްގުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ދެކެއެވެ.