ތިނަދޫ ސިޓީގެ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފަތިހު ފެނިއްޖެއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 4:11 ހާއިރު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެ މީހާ ފެނުމާއެކު ވަގުތުން އެ ރަށު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި މަރުގެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މި މަރާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ތިނަދޫ ސިޓީގެ ސިނާއީ ސަރަހައްދަކީ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދާ ސަރަހައްދެކެވެ.