ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ސްރީލަންކާގެ މަޝްހޫރު ސައިނެކް ކެމްޕަހާ ދެމެދު މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ މުއައްސަސާ ގުޅިގެން މި ދާއިރާގެ ތައުލީމާއި ދިރާސާތައް ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއެރުވުމެވެ.
މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. ސައިނެކް ކެމްޕަހުގެ ފަރާތުން ސޮއިކުރެއްވީ އެ މުއައްސަސާގެ ޑރ. ސުޖީވާ ޕޮލްކަމްޕެލާއެވެ. މި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، މެރިޓައިމް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އެމްއެންޔޫގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްގެ ހެޑް ކެޕްޓަން މުޙައްމަދު ޒައިދު ވިދާޅުވީ، މިއީ އަވަށްޓެރި ސްރީލަންކާއާއެކު މެރިޓައިމް ދާއިރާއިން މަސައްކަތް ކުރުމަށް ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުން ކަމަށެވެ. މި ފަހުމުނާމާގެ ދަށުން ދެ މުއައްސަސާގެ ދެމެދުގައި އިލްމީ މަޢުލޫމާތު ބަދަލުކުރުމަށާއި، ދިރާސާ ނުވަތަ ރިސާޗްގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
1990 ވަނަ އަހަރު ޤާއިމުކުރެވުނު ސައިނެކް ކެމްޕަހަކީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ، އެ ޤައުމުގެ އެންމެ ބޮޑު އެއް އަމިއްލަ މަތީ ތައުލީމުދޭ މުއައްސަސާއެވެ. މި ކެމްޕަހުގައި އަހަރަކު 21,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު، ސެޓްފިކެޓް ފެންވަރުން ފެށިގެން ޕީއެޗްޑީއާ ހަމައަށް 210 އަށްވުރެ ގިނަ ކޯސްތައް ހިންގައެވެ.
ސައިނެކް ކެމްޕަހަކީ މެރިޓައިމް ދާއިރާގެ އިތުރުން އިންޖިނިއަރިން، އައިޓީ، ލޮޖިސްޓިކްސް އަދި ގާނޫނީ ދާއިރާ ފަދަ ތަފާތު ރޮނގުތަކުން ބައިނަލްއަޤްވާމީ ފެންވަރުގެ ތައުލީމު ފޯރުކޮށްދޭ ތަނެކެވެ. އަދި ސޭޝެލްސް އާއި ފީޖީ ފަދަ ޤައުމުތަކުގެ ޤައުމީ މެރިޓައިމް އިންސްޓިޓިއުޓްތައް ތަރައްޤީކޮށް ހިންގުމުގެ މަސްއޫލިއްޔަތުވެސް އުފުލަނީ މި ކެމްޕަހުންނެވެ.