ހުއްދަ ނެތި ބޭރު ފައިސާގެ މުއާމަލާތް ކުރާ ކަމަށް ތުހުމަތުކޮށް، ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ޕޭޖް ހާޑްވެއާ ހިންގާ ނައިޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓްތައް ފުލުހުން ހިފަހައްޓައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި އެ ކުންފުނިން ބޭރު ފައިސާގެ މުއާމަލާތްތައް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި، މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ މައި އޮފީސް ވެސް ފުލުހުން ވަނީ ފާސްކޮށްފައެވެ.
އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން، ނައިޑް އިންވެސްޓްމަންޓަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. ރާ އަތޮޅުގައި ހިންގާ ފުރަވެރި ރިސޯޓުގެ އިތުރުން، ޕޭޖް ހާޑްވެއާގެ ވިޔަފާރިތަކަކީ ވެސް އެ ކުންފުންޏާ ގުޅުންހުރި ވިޔަފާރިތަކެކެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި އިސްލާހުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އާ ގަވާއިދުގެ ދަށުން، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ގަނެވިއްކުމާއި، ހުއްދަ ނެތި މިފަދަ މުއާމަލާތްތައް ކުރުމަކީ ބޮޑެތި ޖޫރިމަނާތަކެއް އަންނާނެ ކަމެކެވެ. އެގޮތުން 25،000 ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ބޭރު ފައިސާގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރާއި އެމްއެމްއޭ އިން ފަށާފައިވާ މަސައްކަތުގެ ދަށުން، ފާއިތުވި ދުވަސްތަކުގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިދިޔަ ހޯމަ ދުވަހު ވެސް ފުލުހުން ވަނީ ހުއްދަ ނެތި ޑޮލަރުގެ މުއާމަލާތް ކުރި ކަމުގެ ތުހުމަތުގައި ހަ ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އެ މީހުންގެ އެކައުންޓްތަކުން 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާއަށް ވުރެ ގިނަ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.