ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓެއްގެ މަތިން ކުޑަ ކުއްޖަކު ވެއްޓި މަރުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ދެ އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ފްލެޓުން ވެއްޓުނީ މިއަދު މެންދުރު 12:40 ހާއިރު ކަމަށް މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މެންދުރު 12:43 ހާއިރު ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް، ކުއްޖާ ވެއްޓުނީ ކިތައްވަނަ ފަންގިފިލާއިން ކަމެއް އަދި އެއީ ކޮން ގޮތަކަށް ހިނގި ކަމެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އިއްޔެ ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިފަދަ ނުރައްކާތެރި ހާދިސާއެއް ވަނީ ހިނގާފައެވެ. އެގޮތުން ހުޅުމާލޭ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގެ ތިންވަނަ ފަންގިފިލާއިން 16 އަހަރުގެ ކުއްޖަކު ވަނީ ވެއްޓިފައެވެ. އެ ކުއްޖާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު، އެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.